ދިވެހިރާއްޖޭގައި ކުޑަކުދިން ޖިނާޢީކުށުގެ ޒިންމާނަގަންޖެހޭ ޢުމުރުފުރާ މުރާޖަޢާކުރުމުގެ މުހިންމުކަން
Keywords:
ކުށްކުރާ ކުޑަކުދިން, ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު, ޖިނާޢީ ޒިންމާނަގަންޖެހޭ ހަގުޢުމުރުފުރާ, ޤާނޫނު އިސްލާޙުކުރުން, ރިހެބިލިޓޭޝަންއާއި ފަރުވާAbstract
ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރުމުގެ މިންވަރުމިހާރު އޮތީ ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި އެކަމަށް އަވަސް ޙައްލެއް ބޭނުންވާ މިންވަރަށް ކަންކަން ގޮސްފައެވެ. ކަށުގެ ވެށީގައި ކުޑަކުދިން ބިރެއް ސިހުމެއްނެތި ޙަރާކްތެރިވަމުންދަނީ ޤާނޫނުގެ ބާރު ނުފޯރާހިސާބުގައި، ނިޒާމުގެތެރެއިން އެކުދިން ޙިމާޔަތްކޮށްދީފައިވާތީއެވެ. ކުޑަކުދިންގެ ޢުމުރުގެ ގޮތުގައި ރާއްޖޭގައި ކަނޑައަޅާފައިވާ ޢުމުރަކީ ކުށްތަކުގައި ޙަރަކާތްތެރިވާ ކުދިންގެ ސުލޫކާއި ޙަރަކާތްތަކަށްބަލާއިރު، އެމީހުންނަށް އެކަށީގެންވާ ވަރަށްވުރެ އެދާއިރާގައި ދޮށީ ޢުމުރެއްކަން އެމީހުންގެ ޢަމަލުތަކުން އެނގެއެވެ. ޚައްސަގޮތެއްގައި ޖިނާޢީ ކުށުގެ ޒިންމާ ނަގަންޖެހޭ އެންމެ ހަގުޢުމުގެ ގޮތުގައި ރާއްޖޭގައި މިހާރު ކަނޑައަޅާފައިވާ ޢުމުރުފުރާއަކީ އެންމެ ރަނގަޅަށް ކަނޑައެޅިފައިވާ ޢުމުރެއްކަމާއިމެދު މިހާރު ވަރަށްގިނަބަޔަކު ސުވާލު އުފައްދައެވެ. މިދިރާސާގެ މަޤުސަދަކީ ކުޑަކުދިން ޖިނާޢީކުށުގެ ޒިންމާ ނަގަންޖެހޭ ހަގުޢުމުރުގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ޢުމުރުފުރާގެ އަސަރުތައް ދިރާސާކޮށް އެޢުމުރުފުރާއަށް ބަދަލެއް ގެންނަންޖެހޭކަން ދެނެގަތުމެވެ. ކޮލިޓޭޓިވް ޑޮކްޓަރިނަލް މަންހަޖުގެ މައްޗަށް ކުރިއަށްގެންގޮސްފައިވާ މިދިރާސާގައި ޤާނޫނުތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެއްކޮށްފައިވާ މުހިންމު މަޢުލޫމާތުތަކާއި އެހެނިހެން ޘާނަވީ މަސްދަރުތަކުން އެއްކުރެވިފައިވާ މަޢުލޫމަތުތައް ތަޙްލީލުކުރުމުން މިހާރު ޢަމަލުކުރަމުންގެންދާ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައިހުރި ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައިވެއެވެ. ޚާއްސަގޮތެއްގައި މިހާރު އެޤާނޫނުން ކަނޑައަޅާފައިވާ ކުޑަކުދިން ޖިނާޢީ ކުށްތަކަށް ޒިންމާވާންޖެހޭ ޢުމުރުފުރާ މިހާރަށްވުރެ ދަށްކުރާންޖެހޭކަން އެނގިގެންދިއައެވެ.
