ދިވެހިރާއްޖޭގައި ލިޢާންކުރުމާބެހޭ ޤާނޫނެއް ކޮޑިފައިކުރުމުގެ ބޭނުންތެރިކަން
Keywords:
އިސްލާމީ ޝަރީޢަތުގައި ލިޢާންކުރުން, ލިޢާންކުރުމާ ގުޅޭ ޤާނޫނު, އަޅު އަންހެނާގެ ދަރި, ޢާއިލާއާބެހޭ ޤާނޫނު, ލިޢާނު ދަރީގެ ނަސަބުAbstract
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކީން ޚާއްސަކޮށް އަޙްޥާލު ޝަޚުޞިއްޔާގެ މައްސަލަތަކުގައި، ދިވެހިރާއްޖޭގައި ޝަރީޢަތްކުރަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަމުގައި ވީ ހިނދު، ލިޢާންކުރުމާބެހޭ ޤާނޫނެއް ދިވެހިރާއްޖޭގައި ފާސްކުރެވިފައި ނޯވެއެވެ. ލިޢާންކުރުމުގެ މައްސަލަތަކީ އަޙްޥާލު ޝަޚުޞިއްޔާގެ މައްސަލަތަކެކެވެ. އެ މައްސަލަތައް ބެލުމުގައި ޤާނޫނީ މިންގަނޑެއް ނެތުމުން، މައްސަލަ ހުށަހަޅާފަރާތާއި މައްސަލަ ބަލާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެވެއެވެ. އެހެނީ ލިޢާންކުރުމުގެ މައްސަލަތައް ހުށަހެޅުމުގެ ޤާނޫނީ އިޖުރާއާތެއް ސާފުކޮށް އެނގެން ނެތުމުން، އެ ފަދަ މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ގޮތެއް، ސާފެއް ނޫނެވެ. މި ދިރާސާގެ މަޤުޞަދަކީ، އިސްލާމީ ޝަރީޢަތުގައި ލިޢާންކުރުން އޮތް ގޮތް ދިރާސާކޮށް، ދިވެހިރާއްޖޭގައި ލިޢާންކުރުމުގެ ޤާނޫނެއް ކޮޑިފައިކުރުމުގެ މުހިންމުކަން ބަޔާންކުރުމެވެ. ކޮލިޓޭޓިވް މަންހަޖުގެ މައްޗަށް ކުރެވިފައިވާ މި ދިރާސާގައި ވާނީ، އިސްލާމީ ޝަރީޢަތުގައި ލިޢާންކުރުން އޮތް ގޮތުގެ މައްޗަށް ބަލައިލެވިފައެވެ. އަދި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން، ލިޢާންކުރުމުގައި ޢަމަލުކުރާ ގޮތަށް ބަލައި، އެ ކަމުގައި ހުރި މައްސަލަތައް ފާހަގަކޮށްފައެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރެވިފައި ވާނީ، އިސްލާމީ ޝަރުޢުގެ ޞައްޙަ މަޞްދަރުތަކުންނާއި، ކަމާބެހޭ އިސް ފަރާތަކާ އިންޓަވިއުކޮށްގެންނެވެ. ޖަމާކުރެވުނު މަޢުލޫމާތުތައް ތަޙްލީލުކުރުމުން އެނގިގެން ދިޔައީ، ލިޢާންކުރުމާ ބެހޭ މައްސަލަތަކުގައި އިންސާފުގެމަގުން އެއްގޮތަކަށް ޢަމަލުކުރުމަށް ކޮޑިފައިކުރެވިފައި ޤާނޫނެއް ދިވެހިރާއްޖޭގައި އޮތުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައެވެ.
